ތ.ވިލުފުށީ މިސްކިތެއްގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން ގުޅިގެން ކުޅިވަރު ކުޅުނު މައްސަލަ އާއި ގުޅިގެން ކަމުގެ ހަޤީގަތް އޮޅޭ ގޮތަށް މީސް މީޑިއާގައި ވީޑިއޯ ފަތުރަމުން ދާތީ ވިލުފުށީ ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ. ކުށްވެރިކޮށް ތ.ވިލުފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ފޭސްބުކް ޕޭޖުގައި ދައުރު ވަމުން ދާ ވީޑިއޯއަކީ ސަރުކާރާއި ކައުންސިލް ބަދުނާމު ވާގޮތަށް ކަމުގެ ހަޤީޤަތް އޮޅުވާލައި އެހަރަކާތަށް މިއުޒިކް އަޅައިގެން އެޑިޓްކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި އެހަރަކާތަކީ މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަފްލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ އެކްޓިވިޓީއެއް ކަމަށެވެ.
ކައުންސިލްގެ ބަޔާނުގައި ވިދާޅު ވެފައި ވަނީ “ އެހަރަކާތް ހިންގި ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަލަ މާލަމަކީ ދީނީ އަދި އިޖްތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ތަނެއްކަން ފާހަގަކުރަމެވެ. އެހެންކަމުން ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކާއި ހަރަކާތްތަކަށް މީގެކުރިންވެސް އެތަންވަނީ ބޭނުންކޮށްފައެވެ. އެތަން ސެމިނަރ ހޯލަތަކަށް ބަދަލުކުރުމުގެ ކުރިން ބޭނުންކުރަމުން ގޮސްފައިވަނީ އަންހެނުން ނަމާދުކުރާ ބައިގެ ގޮތުގައެވެ. ނަމަވެސް މިހާރު އަންހެނުން ނަމާދުކުރަނީ މިސްކިތުގެ މަތީބައިގައި އަންހެނުންނަށް ޚާއްސަކޮށް ޕާޓިޝަންޖަހައިގެން ހަދާފައިވާ ބައެއްގައެވެ. ނަލަމާލަމުގައި މިވަގުތު އަޅާފައިވާ ކާޕެޓަކީ މިސްކިތުގެ ނަމާދުކުރާ ބައިގައި ކުރިން އަޅާފައިވާ ކާޕެޓެވެ.“ އެވެ.
ވިލުފުށި ކައުންސިލްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ވިލުފުށީ ކައުންސިލަކީ ދީނީ ކަންކަމަށް ޚާއްޞަ އިސްކަމެއްދީގެން ދީނުގެ ޢިލްމުވެރިންގެ ލަފަޔާއި އިރުޝާދުގެދަށުން ކަންކަންކުރުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކައުންސިލެކެވެ. ނަމަވެސް ޓީޗަރުންކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށް ކައުންސިލުން ބޭއްވި ހަފްލާއެއްގެ ތަންކޮޅެއް ނަގައިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް އޭގެއަށް މިޔުޒިކް އަޅައިގެން ރައްޔިތުންގެ މެދުގައި ސަރުކާރާއި، ކައުންސިލާއި، އަދި ސުކޫލްގެ ޓީޗަރުންގެ އަގުވައްޓާލައި ނަފުރަތު އުފެއްދުމަށް މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް ހިންގިކަމީ ކައުންސިލުން އެކަމާއި ނުހަނު ހިތާމަކުރާކަމެއް ކަމަށް ފާހަގަ ކުރަމެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ކައުންސިލުން މިސްކިތުގެ ހުރުމަތް ކެނޑޭނެފަދަ ޢަމަލެއް ނުކުރާނެކަމަށާއި، އެފަދަ ކަމަކަށް ތަރުހީބު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވިލުފުށިކައުންސިލުން ނެރެފައި ބަޔާނުގައި ވެއެވެ.

































