މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގާ ލޯންޗަކުން ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި އާޖެންޓީނާގެ ރައްޔިތެކެވެ.
ފުލުހުން ބުނީ، ”އައިކޮމް ގްރީން“ ކިޔާ ލޯންޗަކުން ޖެހިގެން ޓޫރިސްޓަކު މަރުވި ކަމުގެ ރިޕޯޓް ލިބުނީ މިއަދުގެ ހެނދުނު 10 ޖަހާކަންހާއިރު ކަމަށެވެ. އޭނާގެ ގައިގައި ލޯންޗުން ޖެހުނީ ފުލުހުން ބުނިގޮތުގައި ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ބޭރުން މޫދުގައި އުޅެނިކޮށެވެ. ސޯޝަލް މީޑިއާގައި ވަނީ އުމުރުން 55 އަހަރުގެ އެ މީހާ މޫދުން ލޯންޗަކަށް އަރުވަން މަސައްކަތް ކުރާ ވީޑިއޯއެއް އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން ލޯންޗުން ޖެހި އެ މީހާގެ އަތާއި މޫނުގެ ބައެއް ވަނީ ވަކިވެފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ

































