ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22އ) އެވެ.
މި އޮޕަރޭޝަނުގައި އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، އެކި ބްރޭނޑްތައް ހިމެނޭހެން ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވެއެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރު ވަނީ ޓޯވކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


































