ޤާނޫނުއަސާސީއެއް ފާސްކުރިޔަސް އެޤާނޫނެއްގެ ބާރުހިނގާނީ ރައްޔިތުން އެ ޤާނޫނުއަސާސީއަކަށް ބޯލަނބާ އަމަލުކުރަން ފެށުމުންކަމަށް ދެކެވަޑައިގަންނަވާކަމަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢީސާ ރޭ ވިދާޅުވެއްޖެއެވެ.
މެންބަރު ޢީސާ މިހެންވިދާޅުވެފައިވާނީ، ކޮންމެ ބުރާސްފަތި ދުވަހެއްގެރޭ، ސިލްސިލާކޮށް އެންޓީވީއިން ގެނެސްދެމުންގެންދާ “ ހުރަސްތޮށި“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. މެންބަރު އީސާގެ ވާހަކަފުޅުގައި، ޤަނޫނު އަސާސީ އިސްލާހު ކުރެވުނު ދުވަސްވަރަކީ ސިޔާސީ ވަކި އޮއިވަރެއް އޮތް ދުވަސްވަރެއްކަމާއިއެކު ހެދިފައިވާ ޤާނޫނުތައް އެހެދިފައިވަނީ އެދުވަސްވަރު މަޖިލިސްތެރޭގައި އޮތް ސިޔާސީ އޮއިވަރަށް ބައްޓަންކޮށްގެންކަމަށް ވިދާޅުވި އެވެ. އެހެންކަމުން އޭރުގެ ހާލަތާއި މިއަދުގެ ހާލަތައް ބަލާ އިރު ބައެއް ޤާނޫނަށް ބަދަލު ގެނައުން އެންމެ ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޤަނޫނު އަސާސީއަށް އެބަދަލުގެންގެނަށްވާނީ ޤައުމީ ވިސްނުމެއްގައި ފުންކޮށް ވިސްނާފައިކަމަށް އިޝާރަތްކުރެއްވެވިއެވެ.

ރޭ އެންޓީވީގެ ލައިވް ޕްރޮގްރާމްގައި މެންބަރު އީސާ ވިދާޅުވީ، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީއަށް ސްޕަރ މެޖޯރިޓީ އޮތްކަމާއި ނަމަވެސް ޤާނޫނަށް ބަދަލެއްގެނައުން އެއީ ވަރަށް ފުންކޮށްވިސްނާ، ޤައުމީ ވަންތަ ވިސްނުމެއްގައި ކުރައްޖެހޭކަމަކަށްވާތީ އެފަދަ ބަދަލެއް ޤާނޫނު އަސާސީއަށް ގެންނަށް ފަސްޖެހިވަޑައިގެންނެވިކަމަށް އިޝާރަތް ކުރެއްވިއެވެ.
އިސާގެ ވާހަކަފުޅުގައި މިއަދު އޮތް ސަރުކާރަށް ލިބިފައިވާ މަޖިލިސްގެ ސުޕަރ މެޖޯރިޓީން ފެނިގެންގޮސްފައިވަނީ މަދު ގަޑިއިރެއްގެތެރޭގައި ޤާނޫނު އަސާސީ އަށް ފަސޭހަކަމާއި އެކު ކުއްލި ބޮޑެތިބަދަލުތަކެއް ގެންނަމުންދާކަން، ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރެއްވެވިއެވެ. އަދި މިއަދުގެ މަޖިލިސް އިން ޤާނޫނު އިސްލާހުކުރުން އެއީ އެހާ ފަސޭހަކަމެއްކަމަށް، އޭރު އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އިޝާރަތް ކުރެއްވެވިއެވެ.
އަދި އެމްޑީޕީ ވެރިކަމުގައި ލިބިފައިވާ މަޖިލިސް މެޖޯރިޓީން މެންބަރުންގެ ގޮނޑިގެއްލޭ ޤާނޫނަށް އިސްލޭހެއް ގެނެސްފައިއެވަނީ، މެންބަރުން އިންތިޙާބުވުމަށް ފަހު ޕާޓީން ކެނޑިގެން ދިޔުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެގޮތުން ގެނެވުނު އިސްލާހުގައި ވެސް ގޮނޑި ގެއްލުމަށް ގޮތް ނިންމާނީ ސްޕްރީމް ކޯޓުންކަމަށް ހިމެނިފައިވާނެކަމަށް ވިދާޅުވިއެވެ.
މެންބަރު އަޙްމަދު ޢީސާއަކީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ކެނދިކުޅުދޫ ދާއިރާ ތަމްސީލްކުރެއްވި، މަޖިސްތަޅުމުގައި ވަރަށް އިލްމީ ބަހުސްކުރެއްވި، އެމްޑީޕީގެ މެންބަރެކެވެ.

































