މާލެސިޓީގެ މަގުތަކުގައި ހަލާކުވެފައިވާ ސަރަހައްދުތައް ދެނެގަތުމަށް ކައުންސިލުން ކުރި ސާރވޭން ފާހަގަކުރެވުނު ސަރަހައްދުތައް ހެދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ހަވީރީ ހިނގުމުގެ މަސައްކަތް ނިންމާލުމަށް ފަހު މަޖީދީ މަގު ހެދުމުގެ .މަސައްކަތް ފަށައިފިއެވެ.
މާލޭސިޓީ ކައުންސިލްއިން ބުނީ، މަޖީދީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ހެދުމުގެ މަސައްކަތް ފެށިއިރު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވާރޭވެހި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ތަކުގެ މަރާމާތަށެވެ. އެގޮތުން މަޖީދީމަގާއި ރަށްދެބައި މަގު ގުޅޭ ސަރަހައްދުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. މާލޭގެ އެންމެ ކާރުބާރު ބޮޑު އެންމެ ގިނަ މީހުން ބޭނުންކުރާ މަޖީދީ މަގުގެ މަސައްކަތް ނިމޭއިރު ދުވާރު މައްޗާއި މަގުގައި ހެދިފައިހުރި ވަޅުގަނޑުތައް މަރަމާތުކުރުމުގެ އިތުރުން ކާނުތައް ސާފުކުރުމަށްވަނީ ނިންމާފައެވެ.

ބޮޑެތި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ސުކޫލު ބަންދާއި ދިމާކޮށް ކައުންސިލުން ފަށައިގެން ކުރިޔަށް ގެންދާއިރު މި މަސައްކަތް ނިމޭއިރު މަޖީދީމަގުގެ މި ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ކުރިމަތިވާ އުނދަގޫތަކާ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ.
މާލެސިޓީގެ މޭޔަރު ކަމާއި އާދަމް އާޒިމް ހަވާލުވެވަޑައިގަތުމަށް ފަހު ރައްޔިތުންނަށް ދަތިވާ މި ފަދަ މައްސަލަތައް ހައްލުކުރެއްވުމަށް މޭޔަރ ހާއްސަ އިސްކަމެއް ދެއްވައެވެ.


































