ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު، ލ. މާވަށް ކައުންސިލާ ބައްދަލުކުރައްވައި، އެރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ، ވުޒާރައިގައި ބޭއްވުނު މި ބައްދަލުވުމުގައި މާވަށު ކައުންސިލްގެ އިސްވެރިންނާއި، ކުޅިވަރު ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މާވަށު ކައުންސިލުން ވަނީ އެރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކުގެ ހާލަތާއި، ރަށުގެ ކުޅިވަރުގެ މިހާރުގެ ހާލަތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން އެރަށުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ކުޅިވަރުތަކާއި، އެ ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައްވެސް ކައުންސިލުން ހިއްސާކުރެއްވި އެވެ.

































