ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި މައުރޫމް ޖަމީލަކީ ނަޒާހަތްތެރި، ގާބިލް، ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެ އެކަން ފާހަގަ ކުރައްވައިފިއެވެ.
މައުރޫފް ޖަމީލަކީ މައުމޫންގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މައުމޫން ވަނީ، އެޗްޑީސީގެ އިސްވެރިއަކަށް މައުރޫފް ޖަމީލް ފަދަ ނަޒާހަތްތެރި، ގާބިލް، ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމުން އުފާފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ހުޅުމާލެ ހިއްކަން ފެށިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން އެ މަޝްރޫއުގައި މައުރޫފް އިސްދައުރެއް އަދާކުރެއްވި އެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލަކަށް ނުވަތަ އެންމެ އިސްކޮށް ހުންނެވީ ވެސް މައުރޫފެވެ. އަދި އެޗްޑީސީ އުފެއްދުމާ އެކު، އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވި އެވެ. މައުރޫފް އެޗްޑީސީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.
މައުމޫން މައުރޫފް ޖަމީލަށް ތައުރީފް ކުރައްވާފައި ވާއިރު ރައީސް ޑރ މުޙަންމަދު މުޙަންމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ވެސް ބޭނުންވަނީ މައުރޫފް ކަހަލަ ތެދުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު މަސައްކަތްކުރައްވާނެ ބޭފުޅުން ކަމަށް މިއަދު ވިދާޅުވެފައެވެ.

































