ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު ”ބިންވެރިޔާ“ ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ފަޒުލް އާއި ފަޒީލްގެ އިތުރުން އެޗްޑީސީ އާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ އިސްވެރިންތަކެއް ސަސްޕެންޑްކޮށްފައެވެ.
ފުލުހުންގެ އޮފިޝަލަކު ވަނީ މި މައްސަލައާ ގުޅިގެން 20 މީހެއްގެ ޕޯސްޕޯޓް ހިފެހެއްޓިކަން ކަށަވަރުކޮށްދީފައެވެ.

































