އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ޙައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ”އެ ލިބޭ މުސާރަ ބޭންކްތަކުން ބަލައިގަނެ އޭގެ ސަބަބުން ތިޔަބޭފުޅުންނަށް ލޯނުތަކަށް ދެވޭނެ ގޮތްވުން. އެކި ތަންތަނުން ދޭ ފެސިލިޓީތަކަށް ދެވޭނެ ގޮތްވުން. މިކަންކަން މިހާރަކު ނުވޭ،“

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލިބޭ އެއްޗެއް އަތުނުލައި ރައްޔިތުންނަށް އިތުރު މުއްސަނދިކަން ލިބޭނެ ގޮތްތައް ފަހިކުރުން ކަމަށް ވިދާޅުވި އެވެ.
”ރާއްޖެ ބަނގުރޫޓު ވިޔަ ނުދީ ސަލާމަތް ކޮށްގެން މިކަން ކުރަން. އަދި މި ހުރިހާ ކަމެއް މި ކުރަނީ ފައިސާ ޗާޕްނުކޮށް،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

































