ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ދެއްވައިފި އެވެ.
ހެލްތް މިނިސްޓަރު މިފަދައިން ވިދާޅުވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުންރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒު ގެންދަވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް 24ގަޑިއިރު މަސައްކަތްޕުޅު ކުރައްވަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ދެ ސަބަބެއް އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ސަބަބަކީ ރައީސްގެ ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަކީ 24 ގަޑިއިރު މަސައްކަތްކުރައްވާ ވެރިއެއް ކަމަށް ވާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނާއެކު ރަސްމީ ސިފައެއްގައި 13 ވަރަކަށް މަސްދުވަސްތެރޭގައި މަސައްކަތް ކުރެވުނުކަމަށާއި އެމަނިކުފާނުގެ ޒައާމަތުގައި ވަޒީރަށް އެކަން ފެނިވަޑައިގަތް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އުނގޫފާރު ރައްޔިތުން ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލު ކުރަން ބޭނުންވެފައިކަން ޔަޤީންވުމަކީ އަނެއް ސަބަބު ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށްް އުނގޫފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލައި އެކަން ބާރު ސްްޕީޑުގައި ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރ. އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާރޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށެވެ.
ހެލްތް މިނިސްޓަރު ނާޒިމް ވަނީ އެ ހޮސްޕިޓަލުގެ ވެރިންނާއި ރަށުގެ ރައްޔިތުން ހޮސްޕިޓަލުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތައް ޝުކުރުއަދާކުރައްވާފައެވެ.

































