ފުވައްމުލައް ސިޓީގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އިސްވެ ހަރަކާތްތެރިވި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދާޚީލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނީ،މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ޏ.ފުވައްމުލަކުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންކަމުގައެވެ. އަދި މި ނެޓްވޯކްތައް އަތުލައިގަތީ ފުވައްމުލަކު ސިޓީގައި ފުލުހުން ހިންގަމުން އަންނަ ”އޮޕަރޭޝަން ވެށި ރައްކަލް“ގެ ތެރެއިންކަމުގައެވެ.
ހިންގުނު މި އޮޕަރޭޝަނުގައި މިހާތަނަށް 4،408 ތަނެއް ބަލާ ފާސްކޮށް، 1،147 މީހުން ހުއްޓުވައި ސުވާލުކޮށް ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 58 މީހުން ހައްޔަރުކޮށްފަވާއިރު ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމްލަ 75 މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މީގެތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ފުވައްމުލަކުގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އެ ސިޓީގެ ދޫނޑިގަން އަވަށުގެ ކަރަންކާވިލާ އަހުމަދު ނިއުޝާދު އާއި ހަމަ އެ އަވަށުގެ ޒަމާނީގެ ހަސަން އާޒިމް ވަނީ މިމަހުގެ 9ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
އަދި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނިއުޝާދުގެ ބޭންކް އެކައުންޓް މެދުވެރިކޮށް 21 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށާއި ފާއިތުވި 2 އަހަރު ތެރޭގައި ހަސަން ޢާޒިމްގެ ބޭންކް އެކައުންޓް މެދުވެރިކޮށް 7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން 21 މީހަކާއި 2 ކުންފުންޏެއްގެ އެކައުންޓުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި އެ ފަރާތްތަކަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެ އެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި އަދި ގުޅުން ހުރި އިދާރާތަކުގެ ފަރާތުން އެ އޮޕަރޭޝަނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފައެވެ.

































