މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަ މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރު ބުރިއަށާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ދާ ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ގައެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންނަށް އިތުރު އެހީތެރިކަން ދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދިނުމެވެ. އެއީ މިދިޔަ އަހަރު ވެސް ރައްޔިތުންނަށް ލިބުނު ލުޔެއް ކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ރޯދަ މަހު ވެސް އެ ޑިސްކައުންޓް ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވިއެވެ.
ރައީސް ޑރ. މުއިއްޒު މީގެކުރިން އިއުލާން ކުރެއްވި ގޮތުގައި ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސް ދަޅު ކޭހެއް ދިނުމަށް ނިންމަވައިފައެވެ. މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތަކެވެ. އެއީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ.
މީގެ އިތުރުން ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އެޅިއެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބެހި އިރު، ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މާފު ވެސް ކޮށްދެއްވިއެވެ.
ރައީސް ޑޮކްޓަރ މުޙަންމަދު މުއިއްޒުވަނީ ވަނީ ރޯދަ މަހުގެ ފަހު 10 އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފައެވެ.

































