ރާއްޖޭގެ ކަނޑު ދޫނިތަކާއި ބަދަލުވެ އުޅޭ ދޫނިތަކާ ބެހޭ ގޮތުން ދިރާސާކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އާއި ނިއުޒިލޭންޑްގެ އޮކްލޭންޑް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އީ.ޕީ.އޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑު ދޫނިތަކާއި ބަދަލުވެ އުޅޭ ދޫނިތަކާ ބެހޭ ގޮތުން ދިރާސާތަކެއް ކުރުމަށް ވަނީ އެއްބަސްވެފައެވެ.
ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާ އިން ބުނީ، މި އެއްބަސްވުމުގެ ދަށުން ދޫނިތަކުގެ ފަސްގަނޑު އެޅުމާއި، މަޑުކުރުމާއި އަދި ކާނާ ހޯދުމަށް މުހިންމު ސަރަޙައްދުތައް ދެނެގަތުމަށް އިސްކަމެއް ދެވޭނެއެވެ. މީގެ އިތުރުން، ދޫނިތަކުގެ ފަސްގަނޑު އެޅުމާއި މަޑުކުރުމަށް ބޭނުންކުރާ ރަށްތަކަށް ނުރައްކާވެފައިވާ އެހެން ބާވަތްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްވެސް މަސައްކަތްކުރެވޭނެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާ އިން ހާމަކޮށްފައިވެއެވެ. އަދި މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ މުހިންމު ވެށިތައް ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދުކުރެނެ ކަމަށް ވުޒާރައިން ހިއްސާކޮށްފައިވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކަނޑު ދޫނިތަކާއި ބަދަލުވެ އުޅޭ ދޫނިތަކާ ބެހޭ ގޮތުން ދިރާސާކުރުމުގެ ޤާބިލުކަން އީ.ޕީ.އޭއަށް އިތުރުކޮށްދިނުންކަން ޒުވާރައިން ހާމަކޮށްފައިވެއެވެ.

































