ރާއްޖޭގެ ޒަކާތު ފަންޑުން ގާޒާ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ 100،000 ޑޮލަރު ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީން އެ ޖަމިއްޔާއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި ޤަތަރު ރެޑްްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީ އެވެ.
އެ ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ.
ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ 100،000 ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށެވެެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒަކާތު ފަންޑުން ގާޒާ އަށް 1000،000 ޑޮލަރު ހަދިޔާ ކުރަން ނިންމިކަން އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

































