އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާ ކުރަން ވަރަށް ތާއީދު ކުރާ ކަމަށާއި އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދަން ތާއީދު ނުކުރާ ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން މިއަދު ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން އެންއެޗްގޭމްގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ މުޅި އިސްރާއީލްގެ މައްޗަށް ޕާސްޕޯޓު މަނާ ކުރަން ތާއީދު ނުުކުރާ ކަމަށެވެ. އެއީ ފަލަސްތީނުގައި ދިރިއުޅޭ މުސްލިމުން ވެސް އިސްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ ކަމަށް އަހުމަދު ވަހީދު ވިދާޅުވިއެވެ.
އެހެންވެ، އިސްރާއީލްގެ ސިފައިން ވެސް ހިމެނޭ ގޮތަށް އާންމުންގެ ޕާސްޕޯޓު މަނާކުރަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
”އިސްރާއީލަކީ ޑުއެލް ޕާސްޕޯޓު ގެންގުޅޭ ގައުމެއްވީމަ، އަޅުގަނޑުމެން އެއްވެސް ވަރަކަށް ތާއީދެއް ނުކުރަން (އިސްރާއީލްގެ ޕާސްޕޯޓު މަނާކުރަން). އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާ ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދު ކުރަން،“ އަހުމަދު ވަހީދު ވިދާޅުވިއެވެ.
އެންއެޗްގޭމްގެ ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލި މަނިކު ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދާ ނަމަ، ފަތުރުވެރިކަމުގެ ސިނާއަތަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮންލައިން ޕްލެޓްފޯމްތަކުގެ މައިގަނޑު ހިއްސާ އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބައެއްގެ އަތުގައެވެ.
އެހެންވެ، މިވަރުގެ ބޮޑު ނިންމުމެއް ނިންމާ ނަމަ، ރާއްޖެ ކަހަލަ ކުޑަ ގައުމެއްގެ އިގްތިސާދަށް ހީނަރު ކަމެއް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އިސްރާއީލްގެ 10،380 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. މި އަހަރު ރާއްޖެ އައިސްފައިވަނީ 1،200 ފަތުރުވެރިންނެވެ.

































