ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ އެއްލައްކަ މެންބަރުން ހަމަކުރާ ޕާޓީއަކަށް ޕީއެންސީ ވާނެކަމަށް އެޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ އިންތިޙާބުގެ ކަންކަން ބައްލަވާލެއްވުމަށް ދަރުބާރުގެއަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބަކީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި ދެހާހަށްވުރެ ގިނަ މަޤާމަށް މެންބަރުން އިންތިޚާބުކުރެއެވެ.
ޕީއެންސީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން އެޕާޓިން ދަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ކަނޑައެޅުއްވި އަމާޒު މިހާރު ހާސިލްވެފައިވާ ކަމަށެވެ.
އެގޮތުން ބައި ލައްކައަށްވުރެ ގިނަ މެންބަރުން އިތުރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މިހާރު އެޕާޓީގެ ޞައްޙަ މެންބަރުންގެ ޢަދަދު ނުވަދިހަ ހަހާހަށް ވުރެ އިތުރުކުރުމަށް ބޭނުންވާ ފޯމުތައް ޕާޓީއަށް ލިބިފައިވާކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގައި އެއްލައްކަ މީހުން ހަމަވާ ފުރަތަމަ ސިޔާސީ ޕާޓީއަށް އެޕާޓީ ހެދުންކަމަށްވެސް ޕީއެންސީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އަށް މިހާރު 97،000 ފޯމު ލިބިފައި އެބަހުރިކަމަށާއި އެތޭރޭގެ ދަފްތަރު ކުރެވިފައި 75،000 އަށް ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށް އަބްދުއްްރަހީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 100،000 މެންބަރުންނާއެކު ހަރަކާތްތެރިވާ ފުރަތަމަ ސިޔާސީ ޕާޓީއަށް ޕީއެންސީ ވާނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީއަށް ކުރުމުއްދަތެއްގެ ތެރޭގައި ގިނަ ޢަދަދެއްގެ މެންބަރުން ސޮއިކޮށްފައިވުމަކީ ޕާޓިއަށް ލިބޭ ކުރިއެރުމެއްކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ޕާޓީ ހިންގުން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
އެގޮތުން މިހާރު އެޕާޓީއަށް ލިބެމުންދާ ކާމިޔާބީތަކުން އެނގިގެންދަނީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ޕާޓީގެ ސިޔާސަތުތައް ބަލައިގަނެފައިވާކަން ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

































