20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފުނިޖެހިފައި ނުހުންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ”ހަފްތާ 52“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މީގެ ކުރީގެ ރައްޔިތުންގެ މަޖިލީހުން ނަތީޖާ ނުރެވެވެނީ ނިޔަތް ރަނގަޅުނުވުމުން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންގެ ނިޔަތަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން ކަމަށްވާނަމަ ނަތީޖާ ނެރެވޭނެކަން ކަށަވަރުވާ ކަމަށާއި އެކަން 20ވަނަ ރައްޔިތުންގެ މަޖިލީހުން ސާބިތުކޮށްދެމުން ގެންދަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާއި ގުޅިގެން، އެ ވައުދުތައް ފުއްދުމަށް ޤާނޫނުތަކަށް މަޖިލީހުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތައްވެސް މަޖިލީހުން ކުރަމުންދާ ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވާ ބިލެއް މަޖިލީހަށް ވަނުމުން އެ ބިލް ހިފެހެއްޓިފައި ނޯންނާނެކަމަށާއި މިހާތަނަށް މަޖިލީހުގެ އެއްވެސް ބިލެއްގެ މަސައްކަތް ނުހިނގައެއް ނޯންނާނެކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަރަށް ބާރު ސްޕީޑުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ބަލާއިރު ވަރަށް ބޮޑު ކާމިޔާބީއެއް މިހާތަނަށް ހާސިލްކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީގެ މަޖިލީސް މެމްބަރުން މަސައްކަތް ކުރައްވަނީ އެއް އަމާޒެއްގައި، އެއް އަޒުމެއްގައިކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ ކަންކަމުގައި މެމްބަރުންގެ ޚިޔާލުތަފާތު ނުވާ ކަމަށެވެ. އަދި ހުރިހާ މެމްބަރުންވެސް މަސައްކަތްކުރައްވަނީ އެކުގައި ރައްޔިތުންނަށް ޙިދުމަތްކޮށްދެއްވުމަށް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރިފައިވާއިރު ގިނަ ކާމިޔާބީތައް ހާސިލްކުރެވިއްޖެ ކަމަށާއި ކުރިއަށް އޮތް 4 އަހަރުވެސް ފެންނަނީ ވަރަށް ކާމިޔާބުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

































