ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ޚަރަދުގައި މަސްދަޅު ކޭހެއްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މަސްދަޅު ކޭހެއް ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާ އެކަން ރައީސް އިޢުލާން ކުރެއްވީ ސަރުކާރަށް އެއް އަހަރުވުމުން އެކަން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެސްޓީއޯ މެދުވެރިކޮށް ވަމުންދާކަމަށެވެ.
ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ދީފައެވެ.
އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މިއީ މީގެ ކުރީ ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.
އަދި މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފައެވެ. އެގޮތުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާކަމަށްވެސް ރައީށް ވިދާޅުވިއެވެ.

































