ތިމަން މަނިކުފާނު މިހުންނެވީ ރައްޔިތުންގެ ފަލީގައި ކަމަށް ވިދާޅުވެ، ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖެހޭނެހާ ކަމެއް ދަނީ ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ވެރިކަމުގެ އެއް އަހަރު ނިމުނުއިރު ރައްޔިތުންނަށާއި ގައުމަށް އެއްކަމެއް ވެސް ނުކޮށްދެވޭ ކަމަށާއި އަދި އޭގެ ބަދަލު ތިމަން މަނިކުފާނު މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވެ، ރައްޔިތުން ބަނޑަށް ޖެހޭނެ ކަމެއް ގެންދަވަނީ ކުރައްވަމުންކަމަށެވެ.
ރައީސް މުއިއްޒަކީ ބޮޑާ، ކިބުރުވެރި އަދި މަކަރުވެރިއެއްގެ ގޮތުގައި ސިފަކުރައްވައި އައްބާސް ވިދާޅުވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވެ، ވިޔަފާރިވެރިންތައް އިނދަ ޖައްސާލުން ނޫން ކަމެއް މި ސަރުކާރުން ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ހުއްޓުމެއް ނެތި ބޮޑެތި ވައްކަންތައް ކުރަމުން ދާއިރު ރައްޔިތުން އިންތިހާބުކުރި މެންބަރުން މަންމަނު ވެފަ ތިބުމަކީ ގައުމަށް ގައްދާރުވުން ކަމުގައި އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން, ރައްޔިތުން, މަޖިލީހަށް މެންބަރުން އިންތިހާބުކުރީ އެކަކުގެ މުށުތެރެއަށް ހުރިހާ ބާރެއް ގެންގޮސް ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ފުރުސަތު ދޭން ނޫންކަން މަޖިލިސް މެންބަރުން ވިސްނަން ޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

































