އަންނަ އަހަރުގެ ބަޖެޓުގައި މުޅިން ހުރީ ރައްޔިތުންނަށް ދަތިވާ ކަންކަންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތު ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މުޅިން ހުރީ ރައްޔިތުންނަށް ދަތިވާ ކަންކަން ކަމަށާއި އެގޮތުން ހުރިހާ ސަބްސިޑީތަކެއް ކަނޑާލަން ނިންމާފައިވާއިރު، އާސަންދަ ވެސް ހުރީ ވަކި ބަޔަކަށް ލިބޭ ގޮތަށް ކަމަށެވެ.
މިހާ ދަތި ދުވަސްވަރެއްގައި ރައްޔިތުންނަށް ލިބެމުން އައި މަންފާތަކެއް ކަނޑާލުމުން އެނގިގެން ދަނީ ކުރީ ސަރުކާރުތަކުން މި ފައިސާ ހޭދަކުރި ގޮތަށް މި ފައިސާ ހޭދަކުރަން މި ސަރުކާރުގައި ފުރުސަތެއް ނެތްކަން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް ޑރ. މުއިއްޒު އަޑަށް ބާރުލައްވާ ތިމަންނަ މިހުރީ ރައްޔިތުންގެ ފަޅީގައޭ ބުންޏަސް އެކަން ގަބޫލުނުކުރެވޭ ކަމަށާއި ރައީސް މުއިއްޒަށް އެ ހުރެވެނީ ރައްޔިތުންގެ ފަޅިއަކު ނޫންކަމަށެވެ. އެއީ އެހެން ސަރުކާރުތަކުން ރައްޔިތުންގެ ފަސޭހަ އަށް މި ހުރިހާ ކަމެއްކޮށްދިންކަމަށާއި ރައްޔިތުންގެ ފަޅީގައި ހުރުމަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންނަށް ފައިދާވާ ހުރިހާ ކަމެއް ކަނޑާލުމަކީ ރައްޔިތުންގެ ފަޅީގައި ހުރުން ނޫން ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ރައްޔިތުން އުފާކުރަންޖެހޭ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ހިމަނާފައި އޮތީ 9 ބިލިއަން ރުފިޔާ ކަމަށްވާއިރު، ބަޖެޓުގައި ވަކިވަކި ދާއިރާތަކުގައި ކުރަން ރާވާފައިވާ ކަންކަން ވެސްފެންނަން ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

































