އިސްލާމީ އުއްމަތުގެ ލީޑަރެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް ތައުރީފް ހައްޤުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގައި ކުރިއަށްދާ ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ތަޤުރީރުކުރައްވަމުންނެވެ.
އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، މަޝްވަރާކުރުމަށް ބާއްވާ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްލާމީ އުއްމަތުގެ ލީޑަރެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް ތައުރީފް ހައްޤުކަމަށާއި އަދި ފަލަސްތީނުގެ މައްސަލާގައި ނަތީޖާ ނެރުމަށް ސައުދީގެ ލީޑަރޝިޕްގެ ދަށުން އިސްލާމީ އުއްމަތުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާތާ އެތައް އަހަރެއްވީއިރުވެސް އެ މައްސަލައަށް ހައްލެއް ނުލިބޭކަމަށާއި، އަދި ބާރުވެރި ފަރާތްތަކަށް އެކަމާއި އަޅާލާ މަންޒަރުވެސް ނުފެންނަކަމަށެވެ. އަދި ބާރުވެރި ފަރާތްތަކުން ފަލަސްތީނުގެ މައްސަލާގައި ހަމަހިމޭނުން އޮތުމުން، ނުވަތަ ފިޔަވަޅެއް ނާޅާ އޮތުމުން އެކަމުގެ ފައިދާ ނަގައިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތައް އިސްރާއީލުން އިތުރަށް ވަރުގަދަކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ބާރުގަދަ ޤައުމުތަކުން ޕަލަސްތީނުގެ މައްސަލާގައި އަމަލުކުރާ ގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތްކަމަށް އެ ޤައުމުތަކުން ބަލާކަން ދޭހަވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުއާއި ނުފޫޒުގަދަ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުން ފެއިލްކޮށްލާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުުރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އދގައި ކުރާ މަސައްކަތްތަަށްވެސް ވީޓޯގެ ބާރު ބޭނުންކޮށްގެން ހުރަސް އަޅަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިސްލާމީ އުއްމަތުގެ ލީޑަރެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި ފަލަސްތީނުގެ މައްސަލާގައި ނަތީޖާ ނެރުމަށް ސައުދީގެ ލީޑަރޝިޕްގެ ދަށުން އިސްލާމީ އުއްމަތުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

































