އާރބަން ސެންޓަރުތަކުގައި އާބާދީގެ މިންގަނޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 10،000 މީހުންގެ އާބާދީއެއްކަމަށް ގެދޮރުވެރިކަމާއި ބިމާ ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 7 ރަށެއް ވަނީ ކަނޑައަޅުއްވާފައެވެ.
އާރބަން ސެންޓަރުތައް ތަރައްޤީ ކުރުމާގުޅޭ ގޮތުން މީޑިއާއާއި ވާހަކަދައްވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ އާރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރާ ރަށްރަށް ކަނޑައަޅާފައިވަނީ އެރަށްރަށަށް މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަކީ ކޮބައިކަން ބެލުމަށްފަހުގައިކަމަށެވެ.
އެގޮތުން ސިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ޚިދުމަތްތަކާއި، ޢުމްރާނީ އެހެނިހެން ޚިދުމަތްތައް ދެވިފައިހުރި މިންވަރަށް ބަލާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށް ކައިރީގައި ފަޅެއް އޮތްތަނަމަ އެ ފަޅު ހިއްކައިގެންނަމަވެސް ރަށް ބޮޑުކުރެވޭނެ މިންވަރުވެސް ބަލާފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ކުރިއަށް ގެންދަނީ އާބަން ޑިވެލޮޕްމަންޓް ޕްލޭނާއި ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައްކަމަށެވެ. އަދި މިފަދަ ޕޮލިސީތައް އެކުލަވާލާނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ހުރިހައި ސިނާއަތަކަށްވެސް ފުރުޞަތުތައް ފަހިވާނެގޮތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ އާރބަން ސެންޓަރުތަކަށް ކަނޑައަޅާފައިވާ އާބާދީ މިންގަނޑުން މިންގަޑަކީ މަދުވެގެން 10000 މީހުންގެ އާބާދީއަކަށްކަމަށާއި އެއަށްވުރެ މީހުން އިތުރުވެއްޖެނަމަ އިތުރު ޚިދުމަތްތައް ފުޅާވެގެން ދާނެކަމަށެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ރަށްރަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެފަދަ ރަށްރަށުގެ ރައްޔިތުންނަށް ސަލާމަތުން ދިރިއުޅެވޭނީ ތިމާވެށްޓާ ރައްޓެހި ރަށްތަކެއް ތަރައްޤީކުރެވިގެންކަމަށެވެ. އަދި އާރބަން ސެންޓަރުތައް ވާނީ ރައްޔިތުންނަށް ރައްކާތެރި މަތީ ތަޢުލީމާއި ސިއްޙީ ފުރުޞަތުތަކުގެ އިތުރުން ވިޔަފާރީގެ އެތަކެއް ފުރުޞަތުތަކެއް ފަހިވެގެން ދާނެ ތަންތަންކަމަށްވެސް ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

































