ކަންކަމުގެ ހަގީގަތް ނުބައްލަވާ ނުވަތަ ހަގީގަތް އެނގިވަޑައިގެން ތިއްބަވައިގެން ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާ ވާނީ އެކަންކަން ކުރައްވާ ބޭފުޅުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހަތް އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ރަށްތައް ކަނޑައަޅައި އިއުލާންކުރުމާ އެކު އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އާބަން ސެންޓަރުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކަނީ ސިޔާސީ ފައިދާއެއް ހޯދުމަށް ކަމަށެވެ. އަދި އެފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ޒިންމާވާނީ އެވާކަހަތަކެއް ދެއްކި ފަރާތްތަކުން ކަމަށެވެ.
އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ 7 ރަށް މިއަދު ވަނީ ކަނޑައަޅާފަ އެވެ. އެ 7 ރަށަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދު އެވެ.
މި ރަށްތަކުގެ ތެރޭގައި އެންމެ އުތުރާއި އެންމެ ދެކުނުގެ ރަށެއް ހިމެނިފައި ނުވާތީ ބައެއް ފަރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އާބަން ސެންޓަރުތަކާއި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތައް ކަނޑައެޅި ގޮތުން އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ހައުސިން މިނިސްޓްރީން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތައް ތަރައްގީ ކުރަނީ މިއަދު އިއުލާން ކުރި އާބަން ސެންޓަރުތަކުގެ އިތުރަށް ތަރައްގީކުރާ ތަންތަނުގެ ގޮތުގައި ކަމަށެވެ.
ރައީސް މުއިއްޒުގެ އުމްރާނީ ތަސައްވުރަކީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު ހިމަނައިގެން އުމްރާނީ ތަރައްގީގެ ސަރަހައްދެއް ތަރައްގީ ކުރުމާއެކު އާބަން ސެންޓަރުތަކެއްވެސް ތަރައްގީކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

































