13 ފަރާތަކުން ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދައިފިއެވެ. ވަކީލުން ހުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބާ ކައުންސިލުން ބުނީ، މިއީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން މި އަހަރު އިންތިޒާމުކުރި ދެވަނަ ރަސްމިއްޔާތުކަމުގައެވެ.
ރަސްމިއްޔާތުގައި ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖްވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤާނޫނީ ވަކީލުންގެ މަތިވެރި ދައުރާއި މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ޢަދުލު އިންސާފު ޤާއިމުކުރުމާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމުގައި ޤާނޫނީ ވަކީލުންގެ އިސް ދައުރު ފާހަގަކުރެއްވެވިއެވެ. އަދި އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ މުހިންމުކަންވެސް ބަޔާންކުރެއްވެވިއެވެ. ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ޤައުމެއްގައި ޤާނޫނީ ޙިދުމަތް ދިނުމުގައި މާލީ ފޯރުންތެރިކަން ނެތް ފަރާތްތަކަށް ހިލޭ ޤާނޫނީ ޙިދުމަތް ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވެވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މީޑިއޭޝަން އަދި އާބިޓްރޭޝަންގެ މަސައްކަތުގައި ފެނުމުގެ އުންމީދުކުރައްވާކަން ވެސް ފާހަގަކުރެއްވެވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤާނޫނީ ވަކީލުންނަކީ ޕްރޮފެޝަނަލް އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރި، އެ މިންގަނޑުތައް ދަމަހައްޓާ، މަތިވެރި އަޚްލާޤެއް ލިބިގެންވާ ބަޔަކަށް ވާންޖެހޭނެކަން ފާހަގަކުރެއްވިއެވެ.
ބާ ކައުންސިލުގެ ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، އަލަށް ޤާނޫނީ ދާއިރާއާ ގުޅުނު ޤާނޫނީ ވަކީލުންނަކީ އެހެން ފަރާތްތަކަށް ރަނގަޅު ނަމޫނާއަކަށް ވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޤާނޫނީ ފަންނަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ބޭއްވުނު، މި ބާ އެޑްމިޝަން ރަސްމިއްޔާތުގައި އަލަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާއެވެ. އަދި އެފަރާތްތަކުގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހަވާލު ކޮށްދެއްވީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖްއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯއްދެވި 13 ބޭފުޅުންނާއެކު މިހާތަނަށް ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން 461 މީހަކަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުކޮށްފައެވެ.

































