މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުހިނގާނެ ކަމަށާއި، އެކަން ކުރިއަށްދާނީ އިންސާފުވެރިކަމާއެކު ހަމަހަމަކޮށް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ 15 ވަނަ އެޕިސޯޑުގައި ބައިވެރިވި އާންމު ރައްޔިތުން ވަނީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ހުރި ގިނަ ކަންބޮޑުވުންތަކެއް ސީދާ ރައީސްއާ ހިއްސާކޮށްފައެވެ. އެގޮތުން އަމިއްލަ ރަށުން ގޯތި ލިބިފައިވާތީ މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ނުލިބޭ މައްސަލައާއި، ސިއްހީ ހާލަތު ހުންނަ ގޮތުން ދިގު މުއްދަތަކަށް ބޭސްފަރުވާއަށް މާލޭގައި ދިރިއުޅެން ޖެހުމުން ކުރިމަތިވާ ދަތިތަކާއި، މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ނުލިބޭތީ އެކަމުގެ ޝަކުވާތައް ރައްޔިތުން ވަނީ ފާޅުކޮށްފައެވެ.
އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ކަންކަމުގައި އެމަނިކުފާނު އަމަލުކުރައްވާނީ އެއްވެސް ސިޔާސީ ވިސްނުމަކަށް ބަރޯސާނުވެ، އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ކަމަށެވެ. އަދި މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެންމެ ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އިސްކަންދެއްވައިގެން ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
”ބޯހިޔާވަހިކަމުގެ ދަތި ހާލަތު، އެކަހަލަ އެއްވެސް ކަމެއް ސިޔާސީ ކަންކަމަކާ ނުގުޅުވާނަން އަޅުގަނޑު. ޕާޓީއަށް ވަނުން އެކަހަލަ އެއްވެސް ކަމެއް. އެގޮތަށް ނުވިސްނަވާތި،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ނުހަނު އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒެއް ނުފޯރުވައި ވީހާވެސް ގިނަ ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
































