ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލަކީ ސިޔާސީ ޕާޓީތައް އުފެދި ސިޔާސީ ޕާޓީތަކުން އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބުން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާނެއެވެ. ސިޔާސީ ޕާޓީ އެއް އުފައްދާ ސިޔާސީ ހަރަކާތް ހިންގުން ހުއްދަ ނޫން ޒަމާނެއް ރާއްޖޭގެ ތާރީޚު ދެކެފައިވެއެވެ. މިއަދު ތަފާތެވެ. 2008ގައި ޢަމަލު ކުރަން ފެށި ޤާނޫނު އަސާސީގައި ސިޔާސީ ޕާޓީ އެއް އުފެއްދުމާއި ހިންގުމުގެ ހުއްދަ ދީފައިވެއެވެ. ޤާނޫނު އަސާސީގެ 30ވަނަ މާއްދާގެ (ހ)ގައި ވަނީ“ސިޔާސީ ޕާޓީ އުފައްދާ، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.“
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާ އެފައިސާ ދިހަހާސް މެމްބަރުން ހަމަވާ ޕާޓީތަކަށް ދެމުން ގެންދެއެވެ. އިލެކްޝަން ކޮމިޝަން އެންމެފަހުން އާއްމު ކުރި މައުލޫމާތަށް ބަލާއިރު ދިހަހާސް މެމްބަރުން ހަމަވެފައިވާ ޕާޓީތަކަށް 27 މިލިއަން ވުރެ ގިނަ ރުފިޔާ ދޫކޮށްފައި ވެއެވެ. މިގޮތުން ދިހަހާސް މެމްބަރުން ހަމަވެގެން ފައިސާ ލިބިފައި ވަނީ ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޕީ އެންސީ އާއި އެމްޑީޕީއާއި ޖުމުހޫރީޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމް ޑީއޭ އެވެ. ސިޔާސީ ޕާޓީތަކުގެ މައިގަޑު ބޭނުމަކީ ސިޔާސީ ޙަރަކާތްތައް ހިންގުމާއި ސިޔާސީ މަޤާމުތަކަށް އައުމުވެ. ނަމަވެސް މިއަހަރު ފައިސާ ދޫކޮށްފައިވާ ބައެއް ސިޔާސީ ޕާޓީތަކަށް ބަލާއިރު މި ވޭތުވެ ދިޔަ އެއްވެސް ރިޔާސީ އިންތިޚާބުއްގައި ވާދަކޮށްފައި ނުވާ އަދި ރައްޔިތުން މަޖިލީހުގައި ހައެއްކަ ގޮނޑިވެސް ލިބިފައި ނުވާ ސިޔާސީ ޕާޓީތައް ހިމެނެއެވެ. ދެން އޮތީ މެމްބަރުން ގިނަވެގެން އެންމެ ގިނައިން ފައިސާ ލިބުނު ޕާޓީތަކަށް ބަލާއިރު، އެފަދަ ޕާޓީތަކަށް މަޖިލީހާއި އަދި ވެރިކަމަށް އައުމުގެ ފުރުޞަތު ލިބެއެވެ. އެފަދަ ޕާޓީތަކަށް ވެރިކަން ލިބުނީމާ ނުވަތަ މަޖިލީހަށް އައުމުން ކުރަނީ ކޮން ކަމެއްތޯއެވެ.
ސިޔާސީ ޕާޓީތަކުގެ މައިގަނޑު މަސައްކަތްތަކަށް ވެފައި އޮންނަނީ އަބަދުވެސް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމެވެ. ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކަށް ނުވަތަ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރުމަށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކުރަން ޖެހޭތޯއެވެ. ކޮންމެ ޕާޓީއަކުންވެސް ވެރިކަމަށް އަންނަނީ އެތަކެއް އަހުދާ ވަޢުދުތަކާއި އެކުއެވެ. ވެރިކަމަށް އައުމާއެކު ކޮރަޕްޝަންގެ ހަޑިން ސަލާމަތްވި ޕާޓީއެއް ނެތޭ ދެންނެވިދާނެއެވެ. ރައްޔިތުންނަށްވާ ފައިދާއަށް ވުރެ ފެންނަނީ އިސް ސާފުގައި އުޅޭ ބައެއްގެ މުއްސަދިކަން އިތުރުވާ ތަނެވެ. ރައްޔިތު މީހާއަށް ލިބޭ ހިތްހަމަ ޖެހުމެއް ނެތެވެ. ސިޔާސީޕާޓީ ތަކުގެ ބޭފުޅުންގެ މާލީ ބަޔާންތަކުން ހާމަވުމުންދަނީ ހަދިޔާގެ ގޮތުގައި އެތައް ފައިސާއެއް ލިބިފައި ހުންނަ ތަނެވެ. އެފަދަ ފަރާތްތަކަށް ސިޔާސީ މަސައްކަތަށް އެތަކެއް އެހީ ލިބިފައި ހުރެއެވެ. ނިކަމެތި ރައްޔިތުން ދިރިއުޅުން ދަތިވެ ބޭސް ފަރުވާއަށް ސަލާމް ޖަހަމުން ދެކޮޅަށް ދުވާއިރު ސިޔާސީ އިސް ބޭފުޅުންނަށް އެތަކެއް އެހީތަކެއް ލިބެނީ އެބޭފުޅުންގެ ބަހުންނަމަ، ސިޔާސީ މަސައްކަތް ކުރުމަށެވެ. ވީމާ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމުގެ ބޭނުމެއް އެބައޮތްތޯ އެވެ.
ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އަދިވެސް ދޮންވެ ފައްކާ ނުވަނީތޯއެވެ. ފަހަރަކު ޕާޓީއަކަށް ދިވެހި ރައްޔިތުން ވެރިކަން ދެމުން ގެންދާތަން ފެނެއެވެ. އަދި މަޖީލީހުގައި މެޖޯރިޓީވެސް ފަހަރަކު އިސް ދެޕާޓީން ކޮންމެވެސް ޕާޓީއަކަށް ލިބެއެވެ. ހެޔޮ ވިސްނުމުން ވިސާނާ މީހަކު ޤަބޫލު ކުރާނެ ހަޤީޤަތަކީ ސިޔާސީ ޕާޓީތަކަށް ނިކަމެތި ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިން މިހާރު ޚަރަދު ކުރުން ހުއްޓާލަން ޖެހިއްޖެ ކަމެވެ. ޤާނޫނުތަކަށް ހެޔޮ ބަދަލްތައް ގެނެސް އިސްލާޙް ކުރަމުން ދާ މި ދަނޑިވަޅުގައި މިވަގުތު ރައްޔިތުންގެ މަޖިލީހުން ކުރަން އޮތް އެންމެ ރަގަޅު ކަމަކީ ސިޔާސީޕާޓީއަށް ދައުލަތުގެ ޚަރަދު ކުރުން ހުއްޓާލުމަށް ފާސް ކުރުމެވެ. އެފައިސާ ނިކަމެތި ރައްޔިތުން ދިރިއުޅުން ފަހި ކުރުމަށް ނިންމުމެވެ. 20ވަނަ ރައްޔިތުން މަޖިލީހުން އެގޮތަށް ނިންމަވައިފިނަމަ، އެއީ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރާ މަޖީލީހެއް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރާނެއެވެ. އަދި ރައްޔިތުން ވަރަށް ”ހެޕީ“ ވެސް ވާނެއެވެ.

































