މިސަމިޓު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
ދިވެހި ރާއްޖޭ 2.0 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ “ މޯލްޑިވަސް 2.0ގައި އަޅުގަނޑުމެން ގާއިމް ކުރާނީ، ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއް، އެއްވެސް ފަރުދެއް ރަށެއް ބާކީ ނުވާ ހިދުމަތް ދޭ ސިސްޓަމްތަކެއް، ދައުލަތުގެ ހުރިހާ އިދާރާތައް އެއް ސިސްޓަމަކުން ގުޅިފައިވާ އެއް މައުލޫމާތެއް ދައުލަތުގެ އިދާރާތަކަށް ތަކުރާރުކޮށް ހުށަހަޅަން، ނުޖެހޭ އިންޓޯޕްރެބަލް ޑިޖިޓަލް ވިއުގާތަކެއް، ހިދުމަތް ހޯދަން އަންނަ ފަރާތުން، އަދި ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާ އިސް ކުރާ ހިދުމަތުގެ ފެންވަރު ރަނގަޅު، ފަސޭހަކަމާއި އަވަސް ކަމާއެކު ލިބޭ އޯގާތެރި ދައުލަތެއްގެ ސިފަ ލިބިފައިވާ ހިދުމަތްތަކެއް، ސަލާމަތީ ގޮތުން ވަރުގަދަ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، މި ޒަމާނުގެ ތްރެޓްތަކަށް ރެސްޕޮންޑް ކުރެވޭ ސައިބާ ސެކިއުރިޓީ އެސްޓަބްލިޝް ކުރެވިފައިވާ، އެކަން ޔަގީން ކުރެވޭ ނިޒާމެއް،“ ކަމަށެވެ.
“ މިއީ ޒިންމާދާރު ކަމާއެކު ނަތީޖާ ނެރެވޭ ހަރަދު ކުޑަ، މަސައްކަތް ކުރާ މުވައްޒަފުންނަށް ”ފްލެކްސިބަލް“ ހިދުމަތުގެ ނިޒާމެއް ކަމަށެވެ. އަދި އެއް ޑިޖިޓަލް އައިޑިއަކުން، އޮތެންޓިކޭޓް ކުރެވޭ، ޓްރާންސެކްޝަންތަކުގެ އިތުބާރު ގާއިމް ކުރެވިފައިވާ ޑިޖިޓަލް ފަސްޓް ގައުމެއް ކަމަށްވެސް“ ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ސަމިޓުގައި ކަމާބެހޭ އިދާރާތަކުން ކުރި މަޝްވަރާތަކަށްފަހު އެކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ޤައުމީ ޑިޖިޓަލް އިޤުރާރު، ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އަރުވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރޭޑް ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރުވަނީ މޯލްޑިވްސް 2.0 ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދައުލަތުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންނާއި ވުޒާރާގެ ބައިވެރިވުމާއި ފަންނީ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަން ސަޢީދާވަނީ ފާހަގަކުރައްވާފައެވެ. އަދި މިސަމިޓުގެ ތެރެއިން މޯލްޑިވްސް 2.0ގެ އަމާޒުތަކަށް ވާސިލުވުމަށް ކަމާބެހޭ އިދާރާތަކުގެ މެދުގައި ހުރި ޝައުގުވެރިކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަކަމަށް ވިދާޅުވިއެވެ.
“ މޯލްޑިވްސް 2.0″ ސަމިޓު ކުރިއަށްގެންދިޔައީ މިމަހުގެ 10 އަކުން 12 އަށް ބާސެލޯ ނަސަންދުރާގައެވެ.

































