މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. އެކަމުގެ ސަބަބުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ވަޑައިގަނެވޭނެ ކަމަށާއި ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށް ލިބޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށާއި، މިއީ ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަ ކުރައްވައެވެ.
މި ފުރުޞަތު ދިވެހިންނަށް ފަހިކޮށްދެއްވިކަމަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢޫދީ އަރަބިއްޔާގެ ޢިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް އިޚުލާޞްތެރި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ސައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަޒީޒް ބިން ސުޢޫދު އާލްސަޢޫދަށް ވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި މިކަން ފުރިހަމަކުރުމަށްޓަކައި ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ދެއްވަމުން ގެންދަވާކަމަށްޓަކައި ރާއްޖޭގައި ހުންނަ ސަޢޫދީ އަރަބިއްޔާގެ އެމްބަސީއަށާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދުމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަސްކުރިންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ހާމަ ކުރައްވާފައި ވެއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
1446ވަނަ އަހަރުގެ ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ޚިދުމަތްތައް
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.

































