ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަލްއުސްތާޛާ އައިޝަތު މުހައްމަދު މިއަދު ހަމަޖައްސަވައިފިއެވެ.
ބޮޑެތި ގިނަ މައްސަލަތަކެއްގައި ދައުލަތް ތަމްސީލް ކުރައްވާފައިވާ އައިޝަތު މުހައްމަދަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ޕަބްލިކް ޕްރޮސިކިއުޓަރެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޝަންގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގައި އޭނާ ވަނީ ދައުލަތް ތަމްސީލުކުރައްވައިފައެވެ. އޭނާ ޕީޖީ އޮފީހާ ގުޅިވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
މީގެ އިތުރުން، ކުރީގެ ޕަބްލިކް ޕްރޮސިކިއުޓާ އަލްއުސްތާޒު ހުސައިން ސާމީ ވަނީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި އަލްއުސްތާޒު މަހުމޫދު ސަލީމް ވެސް ކުރިއެކޭ އެއްގޮތަށް ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ.

































