މ.އަތޮޅު މުލީގައި ހެދި އެއާޕޯޓަށް މި މަހުގެ 17 ގައި ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.
އައިލެންޑު އޭވިއޭޝަނުން ހިންގާ މޯލްޑިވިއަނުން އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން މުލި އެއާޕޯޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،377ރ. އެވެ. ކޮޅަކަށް ހޭދަވާނީ 35 މިނިޓެވެ.
މޯލްޑިވިއަނުން އަދި ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު މުލި އެއާޕޯޓަށް ދަތުރެއް ބާއްވާށެވެ. މާލެ އިން ފުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރު ފަހު 3:30 ގަ އެވެ. މުލިން މާލެ އަަންނަ ފްލައިޓް ފުރާނީ ހަވީރު 4:45 ގަ އެވެ.
މޯލްޑިވިއަނުން މިހާރު ވަނީ މ. އަތޮޅުގައި ރީޖަނަލް އެއާޕޯޓްސް އިން އޮޕަރޭޓްކުރާ އަދި މ. އަތޮޅުގެ ފުރަތަމަ ދަތުރުތަކުގެ ބުކިން އަށް ހުޅުވާލައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އޮގަސްޓް 2021 ގައި ހަދަން ފެށި މުލި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި އެ ތަނަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ މަހުގެ 25 ގަ އެވެ.


































