މާތްﷲ ގެ ޙަޟްރަތަށް އެންމެހާ މީސްތަކުން ރުޖޫޢު ކުރެވޭނެ ދުވަހަށް ރައްކާތެރިވެ ތިބެވޭނީ، މާތްﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާންގެ ހަނދުމަކޮށްގެން ކަމަށާއި، ސުވަރުގޭގެ މަތިވެރި ޘަވާބަށް އުއްމީދުކޮށް ނަރަކައިގެ ވޭންދެނިވި އަޛާބުގެ މަތީން ހަނދުމަކޮށް، މިކަން ކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ ވަޢުޛާއި ނަސޭހަތް ލިބިގަތުމަށް މިއަދު ރާއްޖޭގައި ކުރި ހުކުރު ނަމާދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫޢުއަކީ ”ތަޤުވާވެރިންނަކީ މާތްﷲ ހަނދުމަ ކުރާ މީހުން“ އެވެ. މިއަދުގެ ޚުތުބާގައި ވިދާޅުވީ، މާތްﷲ އަށް އީމާން ވުމަށްފަހު އެކަލާންގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބު ކުރެއްވި އަޅުކަމަކީ ނަމާދު ކަމަށާއި، މިއުއްމަތަށް ނަމާދު ފަރުޟު ކުރެއްވުނީ ކީރިތި ނަބިއްޔާ މުޙަންމަދު ޞައްލަﷲއަލައިހި ވަސައްލަމަ އާއިގެން މިއުރާޖު ކުރެވުނުރޭ މެދުވެރިއެކު ނެތި ސީދާ އެކަލޭގެފާނަށް މާތް ﷲ ބަސް ވަޙީ ކުރައްވައިގެން ކަމަށެވެ. އަޅާގެ އަމަލުތަކު ތެރެއިން ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދު މެދުގައި ކަމަށާއި، ނަމާދު ޤާއިމު ކުރުމަކީ މަރު އަމާންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުޠުބާގައި ހަދާން ކޮށްދީފައި ވެއެވެ.
މާތްﷲ ހަނދުމަ ކުރުމާ، ނަމާދު ޤާއިމު ކުރުމާ، ހެޔޮ އަމަލުތަކަށް ހުރަސް އަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި މުންކަރާތްތަކާއި ފާހިޝް އަމަލުތައް ކުރުންކަން ހަދާން ކޮށްދެއްވަމުން މިއަދުގެ ޚުތުބާގައި ވިދާޅުވީ ޒިނޭ ކުރުމާއި އެއްޖިންސުގެ ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުން ކުރުމާއި ޖުވާކުޅުން ފަދަ ކަންކަމަކީ ފާޙިޝް ޢަމަލުތަކެއް ކަމަށެވެ. މިއަމަލުތަކަކީ ޝައިތާނާ އިންސާނާ މަގުފުރައްދާ ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށްޓަކައި ނުހަނު ޒީނަތްތެރިކޮށް އޭނާ އާއި ކުރިމަތި ކުރުވާ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ. ބިރުވެތިކަން ބޮޑު ޤިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައި ކަމަށާއި އެއީ ﷲގެ ޚަޟްރަތަށް މީސްތަކުން ހާޒިރު ކުރެވޭނެ ދުވަސް ކަމަށާއި އެދުވަހުން މީސްތަކުން ހިސާބު ބައްލަވާ ސުވަރުގެ ވަންތަވެރިން ސުވަރުގެއަށް ނަރަކަވަންތަ ވެރިން ނަރަކަށް ވަންނާނެ ދުވަސް ކަން ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ.
ދުނިޔަވީ ކަންކަމުގައި އިންސާނާގެ ތަޖްރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވާ ކުރިއަށް ދެވިދާނެ ކަމަށާއި، ނަމަވެސް އުޚުރަވީ ކަންކަން ރާވަން އެގޭނީ ކީރިތި ޤުރުއާން އާއި ކީރިތި ރަސޫލާގެ ޞައްޚަ ހަދީޘްގެ އަލީގައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ޤިޔާމަތް ދުވަހަށް ތައްޔާރުވާން ޖެހޭނީ މިދެންނެވި ދެއަސްލުގެ އަލީގައި ކަމަށް ޚުޠުބާގައި ފާހަގަ ކުރައްވާފައި ވެއެވެ. މާތްﷲ ހަނދުމަކުރުމުގެ މާނައަކީ ތިބާ އާޚިރަތްދުވަހުގެ ޙަޔާތާއި މެދު ފަރުވާތެރިވެ ހެޔޮ އަމަލުކުރުން މަތީ އުމުރު ހޭދަ ކުރުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

































