ޒުވާނުން ސްޓޭންޑެއް ނަގައިގެން އެމީހުންގެ ޙައްޤުތަކަށް މުޒާހަރާ ކުރާތަން ފެނުމަކީ ހިތްވަރު ލިބޭ ކަމެއްކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ,
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީގެ އިތުރުން، ޙައްޤުތަކަށްޓަކައި ތެދުވުމަކީ އަގުހުރި ކަމެއްކަމާއި، އެކަމަށް ހިތްވަރުދޭ ސަގާފަތެއް ބިނާކުރެވިފައި އޮތުމަކީ ތަސައްލީ ލިބޭ ކަމެއް ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވަނީ ޒުވާނުން ބުރަސްފަތި ދުވަހުގެރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން ކަމަށްވާ ޢާއިޝަތު ޝިމަން އަޙްމަދާއި ޢަބްދުﷲ މަޙްޒޫމް މާޖިދު ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް ގޮވާލައްވައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝިމަން އަދި މަޙްޒޫމްވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ. މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިންބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި، އައިޝަތު ޝިމަން އަހުމަދު އަދި އަބްދު ﷲ މަހްޒޫމް މާޖިދުގެ ބަންދަށް ކޯޓުން ވަނީ 3 ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ މަޖީދީމަގުގައި ޒުވާނުން ކުރަމުން އައި މުޒާހަރާ ބާރުގެ ބޭނުންކޮށް ރޫޅާލީ ހުކުރުދުވަހު ޖީސީއީ އޯލެވަލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭތީއާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

































