އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙަންމަދު ޝަހީމް ޢަލީ ޝަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ގދ. ގައްދޫގައި މިރޭ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމް އާއި ގުޅިގެން ގައްދޫ ރައްޔިތުންނަށާއި ކައުންސިލަށް ޝުކުރު އަދާކުރައްވާ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޑރ ޝަހީމް ޕޯސްޓުގައި ވަނީ އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ގައްދޫ ކައުންސިލުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިރޭ ގައްދޫގައި ކުރިއަށް ދިޔައީ މި ސިލްސިލާގެ ފުރަތަމަ ފޯރަމްއެވެ. މިރޭގެ ފޯރަމްއަށް ގައްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުالله ސަޢުދާންއެވެ.

































