ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އަންނަ ހަފްތާގައި އިންޑިއާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ”ވިއޯން“ ނޫހުން ބުނެފައިވާ ގޮތުގައި މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހަށް ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އެ ނޫހުގައި ބުނެފައި ވަނީ ޣައްސާންގެ މި ދަތުރަކީ ރަސްމީ ދަތުރުފުޅެއް ނޫނެވެ.
މިއީ ޑިފެންސް މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެން ފަހުން މިނިސްޓަރު ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޣައްސާން، އިންޑިޔާއަށް ވަޑައިމިގަންނަވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު، އިންޑިޔާއަށް ތިން ދުވަހުގެ ރަސްމީ ދަތުރެއް ކުރެއްވުމަށްފަހު މިއަދު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފައި ވަނިކޮށެވެ.
ޚަލީލު ވަނީ އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވައިފަ އެވެ. އެ ދަތުރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޚަލީލް ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާިއ ހަވާލުވެވަޑައިގެންނެންވުމާއި ގުޅިގެން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ، އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު އެ ޤައުމަށް ކުރެއްވި ދަތުރުފުޅާއިއެކުގައި ދެޤައުމުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

































